އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ މުޒާހަރާއާއި ގުޅިގެން އެ މުޒާހަރާގައި ބައިވެރިވާ އަދާލަތު ޕާޓީގެ ރައީސް، ޝެއިހް އިމްރާން އަބްދުﷲއަށް އެ ޕާޓީގެ ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ފާޑުވިދާޅުވެއްޖެއެވެ.
އެ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވާތީ އެކަމާ ޝެއިހް އިލްޔާސް، އިމްރާނަށް ސުވާލެއް ވަނީ ކުރައްވާފައެވެ. އަދާލަތު ޕާޓީގެ ކޮމިއުނިޓީ ގުރޫޕްގައި އިލްޔާސް ކުރެއްވި މެސެޖެއްގައި ވަނީ ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުމަށް އަދާލަތު ޕާޓީން ބަސް ބުނަންޖެހެނީ ވަކި ޕާޓީއެއްގެ ނިވަލުގައި އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަން ޕާޓީގެ މެންބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރުން ހުއްޓައިލަންނުޖެހޭތޯ ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްލާމީ ފިކުރު ދިރުވައި އާލާކޮށް، އެ ފިކުރަށް ވަކާލާތުކުރާނެ ޕާޓީއެއް ބޭއްވުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެއް ނަމަވެސް، އެ ޕާޓީގެ ރައީސްކަމަށް އިމްރާން ވަޑައިގެންނެވި ފަހުން އެ ޕާޓީ މަސައްކަތްކުރަމުންދަނީ އިމްރާނު ބޭނުންފުޅުވާ އަމިއްލަ ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށް ކަމުގައި އެ ޕާޓީގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ.

