ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއަދު 5 ޖެހިހާއިރު ހުލުމާލެ ފުރަތަމަ ފިޔަވަހީ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގި މަންޒަރު ފެނުނު ކަމަށެވެ
އެ މައްސަލައާއި ގުޅިގެން ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އެ ހަތަރު މީހުންނަކީ އުމުރުން 19 އަހަރު އަންހެނަކާއި 18 އަހަރު އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.
ސޯޝަލްމީޑިއާގައި މި މާރާމާރީއާ ގުޅުވައި ދައުރުވާ ވީޑިއޯއަކުން، ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެެނެއެވެ. ދެ ފިރިހެނުން ތަޅައި، އެކަކު އަނެއްގެ ޓީޝާޓު ބާލާ މަންޒަރު ފެނެއެވެ. އަދި، ދެ އަންހެނުން ވެސް އެކަކު އަނެއްގެ އިސްތަށިގަނޑަށް ދަމާ ތަން ވެސް ފެނެއެވެ. އެމީހުން ހުއްޓުވަން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

