ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި، އަދި އެއީ ޤާނޫނު ތަންފީޒުކުރުމުގެ ވާޖިބުތަކަށް ހުރަސްއަޅުމާއެކު އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ އެމްޑީޕީއާއެކު އެއްބަސްވިގޮތާއި ޚިލާފުވެ، އެއްބަސްވި މަގުތައް ނޫންމަގުތަކަށް ނިކުތުމަށެވެ.

ފުލުހުންގެ އަތުން ގަދަކަމުން ޝީލްޑް އަތުލުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ވެސް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ފަށައިފައިވާއިރު، ފުލުހުން އަންނަނީ އެ ސަރަޙައްދުގައި މުޒާހަރާ ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންގެ އެންގުންތަކާއި އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭޙަތްތެރިވަމުންނެވެ.

