އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ އެ ޕާޓީން ބޭނުންވި ގޮތަށް ކަންތައް ނުވުމުން ނިންމާލައިފިވެ. ސިޔާސީ އެއްވުންތަކުގެ ގަވާއިދުތަކާ ހިލާފަށް އަދި ފުލުހުންގެ އަމުރާ ހިލާފަށް އެމްޑީޕީއިން ދުރާލާ ރާވައިގެން ބޭއްވި މި މުޒާހަރާ ނިންމާލީ ފުލުހުންގެ ހިތްވަރާދެކޮޅަށް އެތައް ކަމެއް ކުރުމަށްފަހުވެސް، އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް އެއްވެސް އަމަލެއް ނުހިންގިއެވެ.
އެމްޑީޕީން ފުލުހުންނާއެކު އެއްބަސްވެފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ކުރު ޖަލްސާއަކަށްފަހު، މުޒާހަރާގެ ބައިވެރިން މަޖީދީމަގާ ދިމާލަށް ނިކުމެ، ފުލުހުންނާ ކުރިމަތިލާން ފަށާފައިވެއެވެ.
މުޒާހަރާގެ ތެރޭގައި ބައިވެރިން ވަނީ ފުލުހުން މަގު ބަންދުކުރަން ބަހައްޓާފައި ހުރި ބައެއް ބެރިގޭޑްތައް ފޫއަޅުވާލައި، އެ ތަކެތި ނަގައި ގެންގޮސްފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ޒިންމާތަކަށް ހުރަސް އެޅުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެފައިވަނީ ފުލުހުންގެ އޮފިސަރެއްގެ އަތުން ޑިއުޓީގައި ހުއްޓާ ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ނޫން ކަމަށެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
މުޒާހަރާ ނިންމާލުމުގެ ކުރިން އެމްޑީޕީން ބުނެފައިވަނީ މިއީ “ވާމްއަޕް” އެއް ކަމަށެވެ. މުޒާހަރާ ނިންމާލާފައިވަނީ ދުއާއަކުންނެވެ. މުޒާހަރާއިން ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް، ހައްޔަރުކުރެވުނު މީހުންގެ އަދަދު މި ވަގުތު ކަށަވަރެއް ނުވެއެވެ.

