ފިރިން ކައްކަން ބަދިގެއަށް ވަދެ، އަންނައުނު ދޮވެ އިސްތިރިކޮށް، ކުދިން ނެޕީ ބަދަލުކޮށް، ތާހިރުކޮށް، ފެންވަރުވައި ހެދުމަކީ ބައެއް މީހުންގެ ނަޒަރުގައި ފިރިހެނުން ރަނޑުވާ ކަމެކެވެ. ނުވަތަ އަނބިދަށުވެ، ފިރިހެން ވަންތަކަން ގެއްލޭ ކަމެކެވެ. އަދި މިގޮތަށް ފިރިމީހާ އުޅޭތަން އޭނާގެ މަންމައަށް ފެނިއްޖެނަމަ އަނބިމީހާއަށް ބަސްބުނެއެވެ. އަދި ތިމަންނާގެ ދަރިފުޅު އަޅުކޮށްގެން ގެންގުޅެނީކަމުގެ ތުހުމަތު އަޅުވައެވެ. ހަމަމިގޮތަށް ފިރިމީހާއަށް ކަންތައްތަކުގައި ދޫދިނުމާއި އާމްދަނީހޯދުމަށް މަސައްކަތް ކުރާނަމަ އެ އަންހެނަކަށް ފިރިމީހާއަށް އަޅުވެތިވަނީކަމުގެ ލަގަބު ދެއެވެ.
އެކަމަކު ހަގީގަތުގައި މިއީ ތެދު ވާހަކަތަކެއްބާވައެވެ.
އިސްލާމްދީނުގައި ދެމަފިރިންގެ ޒިންމާތައް އިސްލާމްދީނުގައި ދެމަފިރިންނަށް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ކަނޑައަޅުއްވާފައިވެއެވެ. މާތް ނަބިއްޔާ ﷺ އަމިއްލަފުޅަށް ގޭތެރޭގެ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގަތުމަކީ މިކަމުގެ ރީތި މިސާލެކެވެ. އެހެންކަމުން ފިރިމީހާ ގޭތެރޭގެ މަސައްކަތުގައި ބައިވެރިވުމަކީ އަނބިދަށުވުމެއް ނޫނެވެ.
ކާމިޔާބު ދިރިއުޅުމެއްގެ އެންމެ މުހިންމު އެއް ސިއްރަކީ ދެމަފިރިން އެކުގައި މަސައްކަތްކޮށް، އެކަކު އަނެކަކަށް އެހީތެރިވުމެވެ.
ބަދިގޭގެ މަސައްކަތުގައާއި، ދަރިން ބެލެހެއްޓުމުގައާއި، ގޭތެރެ ސާފުކުރުމުގައި ފިރިމީހާ ބައިވެރިވުމަކީ އޭނާގެ ފިރިހެންކަން ގެއްލޭނެ ކަމެއް ނޫނެވެ. އަދި އަނބިމީހާ އާމްދަނީ ހޯދުމުގައި ބައިވެރިވުމަކީވެސް އޭނާ ފިރިމީހާއަށް އަޅުވެތިވީކަމެއް ނޫނެވެ. ގޭތެރޭގެ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދެމަފިރިން އެކުގައި މަސައްކަތްކުރުމަކީ ދިރިއުޅުން ފަސޭހަވެ، ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ދެމަފިރިންގެ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ އަނބިދަށުވުމެއް ނޫނެވެ. އަދި ފިރިހެންކަން ގެއްލޭ ކަމެއްވެސް ނޫނެވެ. އެއީ ހަރުދަނާ، ކާމިޔާބު އަދި އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން މިފަދަ ނުބައި ވިސްނުންތަކުން ދުރުހެލިވެ، ދެމަފިރިން އެކުގައި މަސައްކަތްކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، ހަމަހަމަކަމާއެކު ދިރިއުޅުން ބައްޓަންކުރުމަކީ މުހިންމު ކަމެކެވެ.

