ރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފިއެވެ.
އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި މި އެއްވުން ފުރަތަމަ ފެށުނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އެތައް ހާސް ބައެއްގެ ބައިވެރިވުމާއެކު ކުރިއަށްދިޔަ މި އެއްވުމުގައި އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަދެއްކެވިއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްވުން ފެށުމަށްފަހު، މަޖީދީމަގަށް ނިކުތުމަށް ގޮވާލުމާ ގުޅިގެން އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުތެވެ. މި ވަގުތު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަންދުކޮށް، ޝީލްޑާއެކު ވަރަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައެވެ.
އެއްވުމުގެ ބައިވެރިން ކުރިއަށްދިއުމަށް ފުރުސަތު ނުދިނުމާ ގުޅިގެން ހަމަނުޖެހުން އުފެދި، ބައެއް ފަރާތްތަކުން ބެރިކޭޑްތައް އުކާލައި، ފުލުހުންގެ ޝީލްޑްތަކުގައި ތަޅާފައިވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެއްވުން ހުއްޓުވުމަށް ކަރުނަގޭސް ބޭނުންކޮށްފައެވެ.
ދެތިން ގަޑިއިރު ވަންދެން މަޖީދީމަގުގައި ހަރަކާތްތެރިވުމަށްފަހު، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މަގުމަތީގައި އިށީނދެ އަޑުއުފުލުމަށްފަހު، ހާއްސަ ދުޢާއެއް ކުރުމާއެކު މުޒާހަރާ ރަސްމީކޮށް ނިންމާލާފައިވެއެވެ. އެމްޑީޕީގެ ލީޑަރޝިޕުން މި އެއްވުން ސިފަކޮށްފައިވަނީ “ވޯމްއަޕް” އެއްގެ ގޮތުގައެވެ.

