ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުރުކުރުމަށް ބާއްވާ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" މިއަދު ފަށައިފިއެވެ. މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ 7 އިދާރާއަކާއި ބައިނަލްއަޤްވާމީ 10 ޕާޓްނަރުން ހިމެނެއެވެ. އެގޮތުން ޔޫއެންއޯޑީސީ، އިންޓަރޕޯލް، ޔުނިސެފް، ޔޫއެންޑީޕީގެ އިތުރުން އިންޑިއާ، ޖަޕާން، ޗައިނާ، ޔޫކޭ އަދި އޮސްޓްރޭލިއާގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކުރެވުނެވެ. އަދި އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "މޯލްޑިވްސް ވިމަން އިން ޕޮލިސިން" ފޮތް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ނެރެދެއްވާފައެވެ.
މި ސަމިޓްގައި މި ދާއިރާގައި ހަރަކާތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި، އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ތަޙުޤީޤުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައް ކުރިއަށްގެންދެވޭނެއެވެ.

