މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން އޮފިސަރުންގެ މަޤާމަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ. މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ. މީގެއިތުރުން، ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުމާއެކު، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން ލާޒިމްވެއެވެ.
މި މަޤާމުގެ ޓްރެއިނިންގ މުއްދަތުގައި މަހަކު 6,050 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އަދި ޓްރެއިނިންގ ނިންމުމަށްފަހު އަސާސީ މުސާރައިގެ ގޮތުގައި މަހަކު 15,072 ރުފިޔާ ލިބޭނެކަމަށް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވެއެވެ.
މި މަޤާމަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވުމާއެކު، މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3026114 ނަންބަރަށް ގުޅުއްވައި ނުވަތަ 9112451 ނަންބަރަށް ވައިބަރ މެސެޖް ކުރެއްވުމަށް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވެއެވެ.

