ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން، “ރާއްޖޭގެ ބުކް އޮފް ރެކޯޑްސް” ތައާރަފްކުރުމަށް ނިންމައިފިއެވެ. މި މަޝްރޫއަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އިފްތިތާހުކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަކީ ހަމައެކަނި “ސަން، ސޭންޑް، އަދި ބީޗް” މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި އޮންނަ ގަބޫލުކުރުން ބަދަލުކޮށް، ކުޅިވަރު ފަތުރުވެރިކަން ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުމެވެ. މިއީ ދިވެހިރާއްޖޭގައި ހާސިލުކުރެވޭ އާދަޔާ ހިލާފު ކާމިޔާބީތައް ލިޔެކިޔުމުން ބަލަހައްޓައި، އެފަދα ރެކޯޑުތައް ދެމެހެއްޓުމަށް ކުރެވޭ ގައުމީ ފެންވަރުގެ މަސައްކަތެކެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފްތިތާހީ ރަސްމިއްޔާތުގައި، ރާއްޖޭގެ މަޝްހޫރު ފްރީ ޑައިވަރު އިސްމާއިލް ނަޝީދު (އިއްސެ) ސްޓެޓިކް އެޕްނިއާގެ އައު ރެކޯޑެއް ގާއިމްކުރުމަށް މަސައްކަތްކުރާނެއެވެ. މި ހަރަކާތް ޓީވީއެމްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، “މިއީ ހަމައެކަނި ރެކޯޑެއް މުގުރާލުމަށް ދެވޭ ހިތްވަރެއް ނޫން. މިއީ އުނދަގޫ ހިރާސްތަކާ ކެރިގެން ކުރިމަތިލާ ޖީލެއް ބިނާކުރުމަށް ދެވޭ ހިތްވަރެއް.”
ބުކް އޮފް ރެކޯޑްސްގެ ދަށުން ރާއްޖޭގައި ގާއިމްކުރާ އެކި ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް، މި ރެކޯޑުތަކުގެ މައުލޫމާތު އާންމުންނަށް ވެސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

