ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފުލުހުންނާ ކުރިމަތިލައި، އަނިޔާވެރި އަމަލުތައް ހިންގި ނަމަވެސް، ފުލުހުން ރޭ މަސައްކަތްކުރީ ގާނޫނީ އިމުގެ ތެރެއިން ވަރަށް ބޮޑަށް އުސޫލުތަކުގައި ހިފަހައްޓައިގެންކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ފުލުހުން އެއްވުން ރޫޅައިލުމުގައި މުނާސަބު މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކުރިކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަމަލުކުރަމުންދާ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުން ރޭގެ މުޒާހަރާ ކުރިއަށްގެންދާނެ މަގެއްގެ ގޮތުގައި ބޮޑުތަކުރުފާނު މަގު ކަނޑައަޅައި، އެމްޑީޕީއާއެކު މަޝްވަރާކުރުމަށްފަހު އެގޮތަށް އަމަލުކުރަން އެދިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެމްޑީޕީގެ އިސްވެރިންގެ އިރުޝާދާ އެއްގޮތަށް މުޒާހަރާގެ ބައިވެރިން ކުރިން އެއްބަސްވެވިފައި އޮތް މަގުން އެއްފަރާތްވެ، މަޖީދީ މަގަށް ގަދަބާރުން ވަދެގަތުމަށް މަސައްކަތްކުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށް ފުލުހުންގެ ބެރިކޭޑުތައް ފަޅައިލާ، ފުލުހުންގެ ޝީލްޑުތައް ޖަހައިގަނެ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމަށެވެ.
އެމްޑީޕީން ރޭ ހިންގި ކަންކަމަކީ ފުލުހުންގެ އޮފިސަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅުމަށް ހިންގި އަމަލުތަކެއްކަމަށް ސިފަކުރެއްވި މިނިސްޓަރު ވިދާޅުވީ، ތަކުރާރުކޮށް ފުލުހުންނާ ދިމާކޮށް ރުޅިއަރުވަން މުޒާހަރާވެރިން މަސައްކަތްކުރި ނަމަވެސް ފުލުހުން މަސައްކަތްކުރީ ގާނޫނީ އިމުގެ ތެރެއިން ހިފަހެއްޓުންތެރިކަމާއެކު، ނިޒާމު ނެގެހެއްޓުމަށް ކަމަށެވެ.
މީގެއިތުރުން، ޑރ. ހަލީލު ވަނީ ޝާހިދާއި އެމްޑީޕީގެ އިސްވެރިން ދޮގު މައުލޫމާތު ފެތުރުއްވުން ހުއްޓަވައިލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

