ރޭ އިދިކޮޅު ޕާޓީ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ “ލޫޓުވައިފި” މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށާއި، އިތުރު ދެ މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފަރާތްތައް ބަންދުކޮށްފައި ވަނީ މުޒާހަރާގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރެވޭ ކުށުގެ ތަހުގީގަށް ފުލުހުން އެދުމުންނެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ކުރީގެ މެންބަރަކާއި މިހާރުގެ ކައުންސިލެއްގެ ރައީސާއި ކައުންސިލެއްގެ މެންބަރުވެސް ހިމެނެއެވެ. އެއީ:
-
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
-
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް
-
އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު (ޒަރީރު މިހާރު ވަނީ ދޫކޮށްލާފައި)
ރޭގެ މުޒާހަރާއިން އިތުރަށް ހައްޔަރުކޮށް އަދި މިވަގުތު 15 ދުވަހަށް ބަންދު ކޮށްފައިވާ
- ގއ. ދާންދޫ، ކަކާގެ، ޔައުގޫބު އަބްދުﷲ، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު.
- މާލެ، ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު
- ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން
- ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މުހައްމަދު ހަލަފް އިބްރާހީމް ވަގުތުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ހުސައިން ޒަރީރު 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލުމަށް ވަނީ އަންގާފައެވެ.
މުޒާހަރާއާ ގުޅިގެން ހައްޔަރުކުރެވުނު އެންމެން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލާފައިވާއިރު، ސިޔާސީ މުޒާހަރާތަކުގައި ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

