މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ މިއަދު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަސް ދިނެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އޭނާ މިއަދު ބަންދުން މިނިވަންކުރަން ކޯޓުން ނިންމީ އެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.
މި މައްސަލާގައި ހައްޔަރުކުރި އެހެން ދެ މީހުންނަކީ 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާމިނަތު އިއްލިއްޔީން އަހުމަދެވެ. މއ. މަޒާގެއަށް ނިސްބަތްވާ މި ދެ މީހުންނަކީ ދެބެއިންނެވެ. މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ އައިޝް އެކަންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. އަދި އިއްލިއްޔީން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށާއި، އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި އަދި އޭނާގެ އައިޑީކާޑު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

