ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ކިބައިގައި ދެކޮޅުވެރިކަމާ ކުރިމަތިލުމުގެ ހިތްވަރު ހުންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވުނު މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ މިހެން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކަނބަލުންނަށް ހާއްސަކޮށް މިފަދަ ސަމިޓެއް އިންތިޒާމުކުރި ކަމަށްޓަކައި ދާޚިލީ ވުޒާރާއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. “މިފަދަ ހަރަކާތްތަކަކީ ފުޅާ ވިސްނުމެއްގައި ކަނބަލުންނަށް ފުރުސަތު ހޯދުމަށް ތަނަވަސްކޮށްދެވޭ ޖާގައެއް” ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި މިދާއިރާގައި އެންމެ ބޮޑަށް އަޑުއިވޭ އެއް ވާހަކައަކީ އަދާކުރަންޖެހޭ ވާޖިބުގެ ވާހަކައެވެ. ނަމަވެސް އެ ވާޖިބު އަދާކުރުމުގައި ތިބީ ހަމައެކަނި ޔުނިފޯމް އެޅި ބައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. “ހަޤީޤަތުގައި ސަލަމާތްތެރިކަމުގެ ދާއިރާގައި ކަނބަލުން ހަރަކާތްތެރިވުމަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެއް. އަންހެނުން ބާރުވެރިކުރުވުމުން މުޖްތަމަޢުއަށް ކުރިއެރުން ލިބޭ” ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި އަދުގެ ދުނިޔޭގައި ސައިބަރ ކްރައިމް، އިންސާނީ ވަގުފާރި އަދި ހަރުކަށި ފިކުރުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއީ ހަމައެކަނި އެއް މިންތިއަކަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. މިފަދަ މައްސަލަތަކަށް އިޖާބަ ދިނުމުގައި އެކި ނަޒަރިއްޔާތުތައް މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ތަންފީޒީ އިދާރާތަކުގައި ކަނބަލުން އިތުރުވުމުން، މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވާނެ ކަމަށާއި، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ އިތުބާރު އިދާރާތަކަށް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން މި ސަމިޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި، ތަންފީޒީ އިދާރާތައް ގުޅިގެން އަންހެނުން ބިނާކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައިވެއެވެ.

