ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ހިތްވަރުދީ، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަވެރިކަން އުފެއްދުމަށް ދޮގު ވާހަކަތައް ފަތުރާ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް އިގްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ މުޝީރު އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ޞާލިހު ވަނީ ފުލުހުން އެޅި ފިޔަވަޅުތައް ހަރުކަށި އަދި އަނިޔާވެރި ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ މާލެއަކީ ހަތަރު އަކަކިލޯމީޓަރުގެ ކުޑަ ސިޓީއެއް ކަމަށާއި، ޓްރެފިކް ބޮޑު އަދި އާންމު ޖާގަތައް މަދު ތަނެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ސަރުކާރުތަކުން މުޒާހަރާއާއި އެއްވުންތައް ބޭއްވުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، ހާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
“ރޭގެ މުޒާހަރާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާމެދު އެމްޑީޕީއާއި ފުލުހުންނާ ދެމެދު މަޝްވަރާކުރެވި، އެއްބަސްވެވުނު ގޮތާ ހިލާފަށް އަމަލުކުރީ ސީދާ އެމްޑީޕީން،” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަދި ފުލުހުން މަސައްކަތްކުރީ ޕްރޮފެޝަނަލްކޮށް، ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ހިމާޔަތްކުރުމަށް ފުލުހުން ކުރި މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ މުސާރައާއި، ފޯސް ހިންގުމުގެ އިނާޔަތާއި، ހަށިފާރައިގެ އިނާޔަތް ކަނޑާލަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ އަގުވައްޓާލުމަށް ކުރީގެ ރައީސުން އިތުރުފުޅު ނުހެއްދެވުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

