ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.ހަނިމާދޫގައި ފަށައިފިއެވެ. މިއީ މި ޚިދުމަތް ފެށުނު 34 ވަނަ ރަށެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ޚިދުމަތް ހަނިމާދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެ، ޚިދުމަތް އަވަސްވެ ހަރުދަނާވެގެންދާނެއެވެ.
މި ޚިދުމަތް ހަނިމާދޫގައި ޤާއިމުކުރެވުނީ މިއަހަރުގެ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި، ރަށު ކައުންސިލުން އެދިވަޑައިގަތުމުން، އެ އެދުމަށް އިޖާބަދެއްވައި 39 ދުވަހުގެ ތެރޭގައެވެ.
މިހާރު އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން މި އަސާސީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށްވުމެވެ.

