ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް އެ ޕާޓީން ކުރި މަސައްކަތްތަކާ ގުޅިގެން ފުލުހުން ދެއްކި ސާބިތުކަމާއި ކެތްތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތައުރީފުކުރައްވައިފިއެވެ.
އެމްޑީޕީން މާލޭގައި އެއްވުމެއް ބޭއްވުމަށް ފުލުހުންނާއެކު މަޝްވަރާކޮށް، ބޮޑުތަކުރުފާނު މަގުގައި ހިނގައިލުން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވީ ނަމަވެސް، އެއްބަސްވުމާ ޚިލާފަށް މާލޭގެ އެހެން މަގުތަކަށް ވަދެ ހަމަނުޖެހުން ހިންގުމަށް ރޭވި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި އެއްވުން ހިނގައިލުމަށް ބަދަލުކުރި ހިސާބުން ފެށިގެން، އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ މަޖީދީމަގަށް ވަނުމަށް މަސައްކަތްކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި، ބެރިކޭޑްތައް އުކައި، ޝީލްޑްތައް އަތުލައި ހަމަނުޖެހުން ހިންގާފައިވެއެވެ.
“ޤައުމުގެ ސުލްޙަމަސަލަސްކަން ނަގައިލުމަށް އެމްޑީޕީން ގަސްދުގައި ރާވައިގެން ރޭގެ މުޒާހަރާގައި ދިވެހި ފުލުހުންނާ ކުރިމަތިލައި ހިންގި ހަރަކާތްތަކާ ގުޅިގެން ފުލުހުން ދެއްކި ކެތްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ޙައްޤު،” މަޖިލިސް ރައީސް އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަދި ފުލުހުންވަނީ ބާރުގެ ބޭނުން މާބޮޑަށް ނުކޮށް އެއްވުން ކޮންޓްރޯލްކޮށް، މާލޭގެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދީ ހިފަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައީސް އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.

