އެމްޑީޕީން ބޭއްވި އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި އެއްވުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފުވިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް ކުރިއަށްދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުކޮށްފައިނުވެއެވެ.
އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް ފުލުހުން ބުންޏެވެ.
އެއްވުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އަންހެން ފުލުހަކާއި ދެ ފިރިހެން ފުލުހުންނެވެ. އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓުމުން އޭނާގެ ގައިމަތިން އެއްވުމުގެ ބައިވެރިން ހިނގުމުގެ ސަބަބުންނެވެ. އަނިޔާވި އަނެއް ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުގެ ސަބަބުން އަދި އަނެކަކަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުންނެވެ. އަނިޔާވި ފުލުހުންނަށް ސެނަހިޔާ އަދި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެވިފައިވެއެވެ.

