ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ “އަހަންނަކީ ނޫސްވެރިއެއް” ޕްރޮގްރާމް ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ އަތޮޅުތަކުގައި މިފަދަ ގޮތަކަށް ކުރިއަށްގެންދިޔަ ތިންވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމަކީ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާގެ ނޫސްވެރިންނާއި، އިޖުތިމާޢީ މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުމެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި، “ކޮންމެ މީހަކަށްވެސް ނޫސްވެރިއަކަށް ވެވިދާނެ އަދި އެމީހަކު ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތް”. އަދި ދުނިޔޭގެ ފެންވަރުގައި ޚަބަރު ފެތުރުމުގައި މީޑިއާއަށްވުރެ ވަކިވަކި ފަރުދުންގެ ނުފޫޒު ގަދަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ހިތަދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އާޓިފިޝަލް އިންޓެލިޖެންސްއާއެކު އުޅެން ދަސްކުރުމާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި، ނޫސްވެރިކަމުގެ އާންމު ހަމަތަކާއި، ތަޙްޤީޤީ ނަޒަރިއްޔާއިން ކަންކަން ދެނެގަތުމުގެ މުހިންމު ސެޝަންތައް ހިމެނުނެވެ.
ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ދިވެހިބަހުގެ ހަމަތަކާއި މަޢުލޫމާތު ފެތުރުމުގެ މުހިންމުކަމާއި އުސޫލުތަކާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިޔައެވެ. އައްޑޫ ސިޓީގެ އެކި ރަށްތަކުން ޖުމްލަ 37 ބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދޫކޮށްފައެވެ.

