މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ސެގްމަންޓް އެކެއްގެ މަސައްކަތުގެ ކޭ ވޯލް ކެޕިން ކޮންކްރީޓްގެ 50 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނާ ގޮތުގައި މަޝްރޫއުގެ ދަށުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށްދާ އިރު، އައުޓްފޯލް ޕައިޕް އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ދަނީ ޕަންޕިން ސްޓޭޝަންގެ މަސައްކަތް ކުރިޔަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، "މި އިންގިލާބީ މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތައް ފަސޭހަވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތަކެއް ހެދޭނެ. މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ މީހުންނަށް ރައްކާތެރި އިންފްރާސްޓްރަކްޗާ ފޯރުކޮށްދެވޭނެ" ކަމަށެވެ.
144.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުމާއި، 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ. މި މަޝްރޫއު 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވުމެވެ.
ބޮޑުތަކުރުފާނު މަގަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދެވެ. މިއީ މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރު ހިމެނޭ ސަރަޙައްދަށްވުމާއެކު، މި މަގު ތަރައްޤީކުރުމުން މާލޭގެ މަލަމައްޗަށް އައު ސިފައެއް ގެނެސްދޭނެކަން ކަށަވަރެވެ.

