ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޑިވްލޮޕްމެންޓް ޕްލޭނިން އިން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މި މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުންކަމަށެވެ.
ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައި ކަމަށްވާއިރު މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

