މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
މެޑަމް ސާޖިދާ ވިދާޅުވީ މުދައްރިސުން ނެތް މުޖްތަމައެއްގައި ދިރުމެއް އުންމީދެއް ނޯންނާނެ ކަމަށާއި، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށެވެ. އަދި އެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވަނީ ހެޔޮލަފާ ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ ރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުއާ ކުރައްވައިފައެވެ. އަދި ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ސާޖިދާ ވަނީ އެންމެންހާ މުދައްރިސުންނަށް އަރިސް ކުރައްވައިފައެވެ.
މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމް ވަރުގަދަ ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެ އާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށެވެ.

