ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ. މިހާތަނަށް 62 މީހަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވަނީ އެ މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފްލެޓްތަކުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. އަދި ހާހެއްހާ މީހުން ވަނީ ފްލެޓަށް ޑިޕޮސިޓް ދައްކާފައެވެ.
ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

