ތިނަދޫ ސިޓީގައި އިއްޔެ އާބާދީ ހިނގުމުން ހުޅަނގަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން މަގު ހުރަސް ކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ސައިކަލު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 6:16 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއުޒިޔަމް ޕާކުގެ އުތުރު ފަރާތުގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ 6 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ އެކްސިޑެންޓް ހިނގި ސަރަޙައްދަކީ ރެސްޓޯރެންޓެއްގެ ކުރިމަތި ކަމުން އެތަނަކީ ހަވީރު ވަގުތުގައި މީހުންނާ ކުދިން ވަރަށް ގިނައިން އުޅޭ ތަނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ. އެކްސިޑެންޓްވުމުން އޭނާ މަޑުނުކޮށް އެތަނުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ ސީސީޓީވީ ފުޓޭޖަކުން ކުޑަކުއްޖާ މަގު ހުރަސް ކުރަން އުޅުނު ވަގުތު ސައިކަލު އައިސް އެކުއްޖާގެ ގައިގައި ޖެހޭ މަންޒަރު ފެނެއެވެ. އަދި ކުއްޖާ ވިއްސައިގެން ގޮސް ޖެހޭ މަންޒަރާއި ސައިކަލާއި ސައިކަލު ދުއްވަން އިން މީހާވެސް ވެއްޓޭ މަންޒަރު ފެނެއެވެ.
މި މައްސަލައާ ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކުރި ނަމަވެސް 24 ގަޑިއިރު ފަހުން ވަނީ އޭނާ ވަނީ ދޫކޮށްލައިފައެވެ. އޭނާ ދުއްވި ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

