ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ޅ. ނައިފަރުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ހިމެނޭ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢު ވަނީ މިދިޔަ ނޮވެންބަރު 16 ވަނަ ދުވަހު އިފްތިތާޙްކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް މާލެ، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި އަދި ވިލިމާލޭގައި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު ޕާސްޕޯޓުގެ ޚިދުމަތް ނުފެށި އޮތީ އެންމެ އދ. އަތޮޅުގައި އެކަނިކަމަށާއި، އެ އަތޮޅުގައި މި ޚިދުމަތް ޤާއިމްކުރާނީ މަހިބަދޫގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ ކަމަށެވެ. މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމާއެކު، އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަމުން އައި ދިގު ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް ފުޅާކުރުމާއެކު، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި އެކަމަށް ޚާއްސަކޮށްފައިވާ ރަށަކުން ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.

