ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި “ސިގްނޭޗަރ ސްކޮލަރޝިޕް” އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ މަރުކަޒުން މިއަދު ހާމަކޮށްފިއެވެ. މި ސްކޮލަރޝިޕްގެ 40 ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގްރާމެއް ހާސިލުކުރުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕްގެ ދަށުން ކުރެވޭ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ މަހަކު 2 ދުވަހު މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ.
ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ވަކި ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދިރާސާކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މީގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
“މި ސްކޮލަރޝިޕަށް ލިބުނު ތަރުހީބަކީ ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،” މަރުކަޒުން ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލި ގިނަ އަދަދެއްގެ ޒުވާނުންނަށް ޝުކުރު އަދާކުރައްވަމުން، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ ދިވެހި ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތުގައި އެކުގައި މަސައްކަތްކުރުމަށް ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.

