މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް މިއަދު ރަޖިސްޓަރީކޮށްފިއެވެ.
އެމްއެންއެސްޑީއޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންސްޓިޓިއުޓްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑިޒްގެ ފަރާތުން ސެޓުފިކެޓާއި ހަވާލުވެލެއްވީ ސްޕްރިންޓެންޑެންޓް އިބްރާހީމް ނާޝިދެވެ.
މި ރަސްމިއްޔާތުގައި ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
“މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގްސަދަކީ، ޖަލުގައި ދަސްކޮށްދޭ އެކި މަސައްކަތްތެރިކަމުގެ ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ އަދި ނޭޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުން،” މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ދަނީ އެކި ވުޒާރާތަކާ ގުޅިގެން ޤައިދީންނަށް އެކި ބާވަތުގެ ހުނަރުތައް ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ. މި ރަޖިސްޓްރޭޝަނާ އެކު، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއަށް ލިބިގެންދާނީ ޤައުމީ ފެންވަރުގައި ޤަބޫލުކުރާ ސެޓުފިކެޓުތައް ދޫކުރުމުގެ ހުއްދައެވެ.

