ނ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ދެވަނަ ޝިޕްމަންޓް ރަށަށް ލިބިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
50 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު، 500 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ބޭރު ތޮށީގެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުން ކުރުމާއި، އައު ބަނދަރު ފުން ކުރުމާއި، ނެރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 12 މީޓަރުގެ ބްރޭކްވޯޓަރެއް އަދި 167 މީޓަރުގެ އެއްގަމު ތޮށްޓެއް ޖެހުމާއި، 155 މީޓަރުގެ ސްކޯރިންގ އެޕްރޮނެއް ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ. އަދި 121 އަކަ މީޓަރުގެ ރޭމްޕަކާއި، 120 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް އެޅުމާއި، 2 ނެވިގޭޝަން ލައިޓާއި 22 މަގު ބައްތި ހަރުކުރުމާއި، 2,433 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

