ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެން ނުލިބޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން މިކަން އިއުލާނުކުރީ، 1 ސެޕްޓެމްބަރު 2024ގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، އެ ވުޒާރާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިވާކަމުގެ ޝަކުވާތައް ލިބެމުންދާތީއެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކަމުންދާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68،000 ވަޒީފާދޭ ފަރާތް ރަޖިސްޓްރީވެފައިވާއިރު، ގަވައިދުން ފީތައް ދައްކަމުން ދަނީ އެންމެ 7،900އެއްހާ ފަރާތުންނެވެ. އަދި ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް ވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށްފައެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ރާއްޖޭގައި ދިރިއުޅެމުންދާ 177،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

