މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ 12 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ގއ. މާމެންދޫ، ގއ. ނިލަންދޫ، ގދ. މަޑަވެލި، ލ. މާބައިދޫ، ލ. ހިތަދޫ، ރ. ފައިނު، ރ. ރަސްމާދޫ، ރ. އުނގޫފާރު، ހއ. ކެލާ، ށ. ބިލެތްފަހި، ށ. ނަރުދޫ އަދި ގދ. ތިނަދޫ ސިޓީ ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެއެވެ. ރަޖިސްޓްރީ ވުމަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަންތައް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދުވެރިކޮށެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ހުށަހެޅޭ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

