ރަތަފަންދޫ ސްކޫލްގައި މުޅިން އަލަށް ބާއްވާ މަދަހަ މުބާރާތް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ރަތަފަންދޫ ސްކޫލްގެ ހޯލުގައި ފެށިގެންދިޔަ މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބީ މަޝްހޫރު 2 ލަވަ ކިޔުންތެރިން ކަމުގައިވާ އިބްރާހީމް ޢަލީ (ކުޑަ އިއްބެ) އާއި ޢަބްދުﷲ ނާޝިފް (ތާތީ) އެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މުބާރާތަކީ އެ ސްކޫލް އިންޓަރ ކްލާސް މުބާރާތެވެ. މި މުބާރާތުގައި އެކި ކްލާސް ތަކުން 53 ދަރިވަރުން އަދި ބެލެނިވެރިން ތެރެއިން 15 މީހުން ވަނީ ބައިވެރިވެފައެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރް ވިދާޅުވީ މިއީ ރަތަފަންދޫ ސްކޫލުގައި އަލަށް ބޭއްވޭ މަދަހަ މުބާރާތެއް ކަމަށާއި މިމުބާރާތުގެ ދެޖަޖުންނަށް މަރުހަބާ ދެންނެވުމުގައި އެސްކޫލުގެ ޓީޗަރުންނާއި ބެލެނެވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.
ހަސަން ޒަރީރު އިތުރަށް ވިދާޅުވީ މުބާރާތުގެ ދެޖަޖުން އެރަށަށް ގެނައުމުގައި ޕީޓީއޭއިން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާކަމަށެވެ.
ރަތަފަންދޫ ސްކޫލްގެ މަދަހަ މުބާރާތުގެ ޖަޖުންގެ ގޮތުގައި ކުޑަ އިއްބެ އާއި ތާތީ އެ ރަށަށް ދިޔުމުން، އެރަށުގެ ރައްޔިތުން ވަނީ އެދެމީހުނަށް ވަރަށް ބޮޑު މަރުހަބާ ކިޔާ ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ.

