އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އާއި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއުއެވެ.
1.24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑު މަސައްކަތްތަކާއި، ކަރަންޓް މަސައްކަތްތަކާއި، ޓާފް އެޅުމާއި އިކުއިޕްމަންޓް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތްތައް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1200 މީހުންގެ އާބާދީއެއް އޮންނަ އޮމަދޫގައި މި ވޮލީ ކޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކުރެވެއެވެ. އެމްޓީސީސީން ބުނާ ގޮތުގައި މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

