ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުން ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމާފައެވެ. މީގެ އިތުރުން، އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި “އައްޑޫ ހުޅުމީދޫ ކައުންސިލް” ގެ ނަމުގައި އެއް ކައުންސިލެއް އުފެއްދުމާމެދުވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޫބަރު މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި މި ވޯޓުގައި ބައިވެރިވެވޭނީ އެ ރަށްރަށުގެ ރަޖިސްޓްރީގައި ހިމެނޭ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށެވެ.
އާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ފެންވަރުގެ ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ. މި ޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވާލައި، އައްޑޫ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ.
މި ބަދަލުތަކަކީ އައްޑޫ ސިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

