ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 61 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން މިރޭ ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މާފުށީ ބަނދަރު މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ބްރިޖް ކާސްޓިންގެ ތައްޔާރީތަކެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
82 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، 4،414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 31 މީޓަރަށް ބޭރުތޮށި ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ބުނި ގޮތުގައި މި މަޝްރޫއުގެ ތެރޭގައި 64 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި 700 މީޓަރަށް ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރަށް އެއްގަމު ތޮށި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 367 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި، 73 މޫރިން ރިންގް އަދި 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫއުގެ ތެރެއިން އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ބްރިޖެއް އަދި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން 33 މަގު ބައްތި ހަރުކުރުމާއި 1,869 އަކަ މީޓަރަށް ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވަނީ 600 ދުވަހެވެ.

