ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެންފިއެވެ. ރައީސްއަށް ވަނީ ތަނގެތީން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާނެއެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ އދ. ދަނގެއްޗަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަޑައިގަންނަވާނީ އދ. ދިގުރަށް، އދ. ދިއްދޫ އަދި އދ. ފެންފުއްޓާއި އދ. މާމިގިއްޔަށެވެ.
މާދަމާ އެމަނިކުފާނު ވަޑައިގަންނަވާނީ އދ. އޮމަދޫ، އދ. މަންދޫ، އދ. ހަންޏާމީދޫ، އދ. ކުނބުރުދޫ އަދި އދ. މަހިބަދޫއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

