އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން، ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ ރިޓަޔާޑް، އަޙްމަދު ސަޢުދީއެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.
މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން، 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ، 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓް ބޭރުތޮއްޓެއް ލުމުގެ އިތުރުން، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 279.92 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

