ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު، އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅެއް ހަމަޖައްސަވަައިފިއެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައި އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅަކީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ.
މިއާއެކު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.

