ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދިއްދޫއަށް ވަޑައިގަންނަވައިފިއެވެ. ރައީސް، ދިއްދޫއަށް ވަޑައިގެންނެވުުމުން ރަށުގެ އިދާރާތުގެ އިސްވެރިންނާއި މުވަައްޒަފުން ހިމެނޭހެން އާންމުފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން ދިއްދޫގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރައީސް، ރައްޔިތުންނާއި ބައްދަލުކުރައްވައި، ހާލު ބައްލަވާނެއެވެ.
އދ. ގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި، ދަނގެއްޗާއި ދިގުރަށަށާއި، ދިއްދޫއަށް މިހާރު ވަޑައިގަންވާފައިވާއިރު، ފެންފުށި، މާމިގިލި، ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ އަދި މަންދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

