އދ. ދިއްދުގައި އެމްއޭސީއެލްއިން ތަރައްގީކުރާ ފިޓްނެސް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފިޓްނެސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަބްދުﷲ ރާފިއުއެވެ. މި މަޝްރޫޢުގެ މަސައްކަތް ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު އަދި ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން އަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ފިޓްނެސް ސެންޓަރެއްގެ ޚިދުމަތް ލިބި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

