ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށްޓަކައި ލީގަލް ކްލިނިކެއް މި މަހުގެ 1 ވަނަ ދުވަހު ހުޅުވައިފިއެވެ. މިއީ ބާ ކައުންސިލުން ހުއްދަ ދީގެން ދިވެހިރާއްޖޭގައި ހިންގޭ މިފަދަ އެންމެ ފުރަތަމަ ކްލިނިކެވެ.
އައިޔޫއެމް ލީގަލް ކްލިނިކް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދެވެ. މި ކްލިނިކްގެ ހިންގާ ޤަވާއިދު މީގެ 2 އަހަރު ކުރިން ގެޒެޓްކުރެވި، ބާ ކައުންސިލްގެ ހުއްދަ ހޯދުމަށް ހުށަހެޅުމަށްފަހު، މިހާރު ވަނީ އެ ކައުންސިލުން އެކްރެޑިޓްކޮށްފައެވެ.
މި ކްލިނިކްގެ ސަބަބުން، ތަޖުރިބާކާރު ޤާނޫނީ ވަކީލުންގެ ބެލެހެއްޓުމުގެ ދަށުން ޤާނޫނީ ދަރިވަރުންނަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ ޤާނޫނީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން ޢަމަލީ މައިދާނަށް ނިކުތުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ސެޓްފިކެޓް ލައިސަންސިން ޕްރޮގްރާމް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 500 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، އޭގެ ތެރެއިން 75 ގަޑިއިރަކީ ދަރިވަރުން ޢަމަލީ މަސައްކަތުގައި ހޭދަކުރާނެ ވަގުތެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމުން ދަރިވަރުންނަށް ކްލައިންޓުންނާ މުޢާމަލާތްކުރުމުގެ ހުނަރާއި، ޤާނޫނީ ދިރާސާކުރުމުގެ ހުނަރު، އަދި ވަކާލާތުކުރުމުގެ ހުނަރު ލިބިގެންދާނެއެވެ.
ސީއެލްޓީޕީ ޕްރޮގްރާމްއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރެވިފައިވާ ޕްރޮގްރާމެއް ކަމަށްވާއިރު، މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް އޮފް ކޮމްޕްލީޝަން އޮފް އިންޓާންޝިޕް ލިބިގެންދާނެއެވެ. އަދި މި ކްލިނިކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެވޭނީ ޕްރޮބޯނޯ އުސޫލުންނެވެ.

