އދ. ފެންފުށީގައި ސަރުކާރުން ތަރައްގީ ކުރާ ވޮލީ ކޯޓާއި ފުޓުބޯޅަ ދަނޑު ވަށާ ދުވާ ޓްރެކް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްޝަކޫރު އަދި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ސީޕީ (ރިޓަޔަރޑް) އަހްމަދު ސައުދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
1.24 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނީ ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، ކަރަންޓު މަސައްކަތްތަކާއި، ޓާފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ފެންފުށީގައި އިތުރު ތަރައްގީގެ މަޝްރޫޢުތަކެއްވެސް ވަނީ ފައްޓަވާފައެވެ. އެގޮތުން އެ ރަށުގައި އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި، އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމާއި، އެ ރަށުގައި ކުނި އަޅާ ކުނިކޮށީގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ.

