“ޓޫރިޒަމް ބިޔޯންޑް ބޯރޑާސް: ބިލްޑިންގ ލިންކޭޖް އެކްރޮސް ސެކްޓާސް” ނަމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ތިނަދޫ ކެމްޕަސް ގުޅިގެން މިއަދު ތިނަދޫ ކެމްޕަސްގައި ވަނީ ފޯރަމްއެއް ބާއްވާފައެވެ.
މިއަދު ހެނދުނު 9:30 އިން 12:00 އަށް ކުރިއަށް ދިޔަ މި ފޯރަމްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ އެހެން ސިނާއަތްތަކުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން ހޯދޭނެ ގޮތްތަކާއި ބެހޭގޮތުން އިލްމީ އަދި ފަންނީ ނަޒަރިއްޔާތަކުން ބަހުސްކޮށް މަޢުލޫމާތު ބަދަލުކުރުމުގެ މަޤުސަދުގައި ބޭއްވުނު ފޯރަމްއެއްކަމަށް މިކަން އިންތިޒާމްކުރި ފަރާތުން ހާމަކުރެއެވެ.
މި ފޯރަމްގައި ވަރަށްވެސް ޢިލްމީ އަދި ފަންނީ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މިފޯރަމްގެ ކީނޯޓް ސްޕީކާސް ގޮތުގައި ބައިވެރިވީ ކުރީގެ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ އަދި ޕީސީބީގެ ރައީސް، އެމް.އެން.ޔޫ ލެކްޗަރަރ ހަސަން ވަހީދުގެ އިތުރުން ބިސްނަސް ސެންޓަރ ތިނަދޫގެ ކުރީގެ މެނޭޖަރ އަދި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.ސޯ އަހްމަދު އަޝްރަފެވެ. މީގެ އިތުރުން މި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ތިނަދޫ ސިޓީ ޑެޕިއުޓީ މޭޔަރ ނަސްރުﷲ އަލީ، ވިޔަފާރީގެ ތަޖުރިބާކާރު އަދި ތިނަދޫ ސިޓީގެ އިޖްތިމާޢީ ކަންކަމުގައި ފާހަގަކޮށްލެވޭ ޝާފިޒް އަބްދުﷲ، ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހީމް އައްސަދު، ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބްރައީސާ އާދިލާ މުހައްމަދު، އަދި އެމް.އެން.ޔޫ ލެކްޗަރަރ ހަސަން ވަހީދެވެ. މި ޕެނަލް ޑިސްކަޝަން މޮޑެރެޓް ކުރީ އެމް.އެން.ޔޫ ލެކްޗަރަރ އަބްދުﷲ ސޯދިގެވެ.
މި ޕެނަލް ޑިސްކަޝަން ގެ ފަހުގައި ބައިވެރިންގެ ސުވާލާއި ޖަވާބުވެސް ކުރިއަށް ދިޔައެވެ. ފަތުރުވެރިކަމުގެ ނަފާ އެންމެ އެދެވޭ ގޮތުގައި އެހެން ސިނާއަތްތަކުން ހޯދޭނެ ގިނަ ގޮތްގޮތާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި މަސައްކަތްކުރެވުނު ކަމަށް އިންތިޒާމް ކުރި ފަރާތުން މަޢުލޫމާތުދެއެވެ.
މި ފޯރަމްގައި ދެކެވުނު ވާހަކަތަކާއި އެކަންކަމާއި ގުޅުންހުރި މަޢުލޫމާތު ހިމަނައިގެން ޓެކްނިކަލް ރިޕީޓެއް އެމް.އެން.ޔޫ ތިނަދޫ ކެމްޕަސް އާއި ގުޅިގެން ޝާއިރު ކުރާނެކަށްވެސް އެ ފަރާތުން މަޢުލޫމާތުދެއެވެ.

