މާލޭގެ އަސްރުމާ ގޯޅީގައި ރޭ ހިނގި މާރާމާރީއެއްގައި ބައިވެރިވި ދެ ބިދޭސީން ޑީޕޯޓް ކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ރޭ 19:11 ހާއިރު އަސްރުމާ ގޯޅީގައެވެ. މި މާރާމާރީގައި އެއް ފަރާތެއްގެ ބޯ ފެޅި އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ބިދޭސީން ވަނީ ޑީޕޯޓް ކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައިވެސް މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްފަހު އެމީހުން ޑީޕޯޓް ކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އަދި މާލޭގެ މަގުތަކުގައި ޕެޓްރޯލިންގ އިތުރުކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

