އދ. ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
47.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އެވެ.
މި މަޝްރޫޢުގެ ދަށުން ދޯނި އެހެލާ ސަރަޙައްދަށް 1.4 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި، 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި، 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މަޝްރޫޢުގެ ތެރޭގައި ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތްވެސް ހިމެނޭއިރު، މުޅި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢަކީ އެރަށުގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

