ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން “ޕެނަލްޓީ ޓު ޕެރަޑައިސް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. މިއީ އިނގިރޭސި ޕްރިމިއަރ ލީގު މެދުވެރިކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަޤުބޫލުކަން އިތުރުކޮށް އިޝްތިހާރުކުރުމަށް ފަށާފައިވާ ކެމްޕޭނެކެވެ.
އޮކްޓޫބަރު 2025 އިން ޖަނަވަރީ 2026 އަށް ކުރިއަށްދާ މި ކެމްޕޭން އޮންނާނީ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ އެލްއެފްސީ މެމްބަރުންގެ މެދުގައި ބާއްވާ ޕެނަލްޓީ މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތުގެ ފައިނަލް ކޮންޓެސްޓަންޓަށް ދޭ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ދަތުރެކެވެ.
މި ކެމްޕޭނުގައި ބައިވެރިވުން އިތުރުކުރުމަށް މައިގަނޑު މުބާރާތުގެ އިތުރުން ސައިޑް ޗެލެންޖުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މި ޗެލެންޖުތަކުގައި ވެސް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖެއާ ގުޅުންހުރި، ތަފާތު ތަޖުރިބާތަކެވެ.
މި ކެމްޕޭނުގެ ތެރެއިން އެލްއެފްސީގެ ކުޅުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ބައިވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މުބާރާތުގެ “ބިހައިންޑް ދަ ސީން” އާއި އެހެނިހެން ގުޅުންހުރި ކޮންޓެންޓުތައް އެލްއެފްސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި، ވެބްސައިޓުން ފެންނާނެއެވެ.
“ހާއްސަކޮށް މި ކެމްޕޭނާ އެކު އިނގިރޭސިވިލާތުގައި ތިބި އެލްއެފްސީގެ ފޭނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ،” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި ކެމްޕޭނަކީ މާޗް 2025 ގައި ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ރާއްޖެއިން ޤާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށްވާއިރު، މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިތުރު ގިނަ ހަރަކާތްތަކެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ.

