އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ (އައިޔޫއެމް) ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.
އައިޔޫއެމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާމިގިލީގައި ތަރައްޤީކުރާ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއަކާއި ކެންޓީނެއްވެސް ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ކެމްޕަސް ގާއިމުކުރުމަށް މާމިގިލީ ކައުންސިލުން ވަނީ 22,000 އަކަފޫޓުގެ ބިމެއް އައިޔޫއެމްއަށް ކަނޑައަޅުއްވާ ދެއްވާފައެވެ.
މާމިގިލީގައި މިހާރުވެސް އައިޔޫއެމްއިން އަންނަނީ ޤުރުއާނުގެ ދާއިރާއިންނާއި ޓީޗަރުންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ. މި ކެމްޕަސް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ވަސީލަތްތައް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

