އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކެއް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
އދ. މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލާއެކު ސިއްޙީ މަރުކަޒުތަކަށް ބޭހާއި މުވައްޒަފުން ހޯދުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ވަކި ކުންފުންޏެއް އުފައްދާފައިވާ ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މިހާރު އަމަލުކުރަމުންދާ ގޮތުން ސިއްޙީ މަރުކަޒުތަކުން ބޭހާއި އެހެނިހެން ސިއްޙީ ވަސީލަތްތައް ހޯދަނީ ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށް، ވުޒާރާތަކާ މުއާމަލާތް ކޮށްގެންނެވެ. ނަމަވެސް މި އައު ނިޒާމުގެ ދަށުން ކޮންމެ ސިއްޙީ މަރުކަޒަކަށްވެސް ސިއްޙީ ވުޒާރާއާއި މާލީ ވުޒާރާއާ ސީދާ މުއާމަލާތްކުރެވޭނެއެވެ.
"ސޮފްޓުވެއަރވައިޒްކޮށް ކުރަންޖެހޭ ކަންކަން އެބަހުރި. މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެބަހުރި… އިރާދަކުރެއްވިއްޔާ މިއަހަރުގެތެރޭގައި މިކަންކަން ނިމި، ޖެނުއަރީ މަހު ފެށިގެން މިކަން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ސޮފްޓުވެއަރ ތައްޔާރުކުރުމާއި މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ކުރިން ހުރި ގިނަ ފަށަލަތައް ނެތިގެންގޮސް، ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

