ގއ. މާމިގިލީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަވާލުކޮށްގެން ކުރިއަށް ގެންދާ ހޮސްޕިޓަލުގެ ރަސްމީކޮށް ފައްޓަވައި ދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ މޫސާ ޒަމީރާއި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލިއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މާމިގިލީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ ސަރުކާރުން 105 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ރޭ މާމިގިލީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ؛ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މާމިގިލީގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ސިއްޙީ ދާއިރާ ކުރިއެރުމަށްޓަކައި ބޭނުންތެރި މަޝްރޫޢުއެއް ކަމަށެވެ.

