ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ހަންޏާމީދޫއަށް ވަޑައިގަންނަވައިފިއެވެ. ރަައީސް، ހަންޏާމީދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހަންޏާމީދޫއަކީ އދ. އަތޮޅަށް ރައީސް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަވަނަ މަންޒިލެވެ.
ރައީސްގެ، މިދަތުރުފުޅުގެ ތެރެއިން ހަންޏާމީދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންނާ ރައީސް ބައްދަލުކުރައްވުންވެސް ކުރިއަށްގެންދަވާނެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި، ދަނގެއްޗާއި ދިގުރަށަށް، ދިއްދޫ، ފެންފުށި، މާމިގިލި، ހަންޏާމީދޫއަށް މިހާރު ވަޑައިގަންވާފައިވާއިރު، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ އަދި މަންދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

