އދ. ހަންޏާމީދޫ ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހޫޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.
މި އިމާރާތް ރައީސް ހުޅުވާދެއްވާފައިވަނީ އދ. އަތޮޅަށް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަންޏާމީދޫ ކައުންސިލް އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ. އަދި، އާ އިމާރާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ ކައުންސިލް އިމާރާތްތައް ގާއިމުކޮށް، އާއްމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.

