އދ. ހަންޏާމީދޫގައި ސަރުކާރުން ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަޕްވެރިކޮށްދެއްވީ ރައީސުލްކުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އދ. އަތޮޅަށް ރައީސް ފަށްޓަވާފައިވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަންޏާމީދޫއަށް ވަޑައިގެން އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވާއިރު، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާޙަޢުލެއް ޤާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތެވެ.

